ދީންވެރިކަމުގެ ޝިޢާރެއްގެ ގޮތުގައި ބޯ ބާލައިގެން އުޅުމަކީ، ޚަވާރިޖުންގެ ޢަލާމާތެއް!

ޚަވާރިޖުންނާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "{سِيْمَاهُمْ التَّحْلِيْقُ } البخاري (7007) ومسلم (1763) މާނައީ" އެމީހުންގެ ޢަލާމާތަކީ ބޯ ބާލައިގެން އުޅުމެވެ.) މި ޙަދީޘްގެ ޝަރަޙައިގައި الإمام القرطبي- رحمه الله- ވިދާޅުވިއެވެ." އެ ބަސްފުޅުގެ މުރާދަކީ؛ އެ މީހުން، ބޯ ބާލައިގެން އުޅުން، ހަދާފައިވަނީ ދުނިޔޭގެ ޒީނަތްތެރިކަން ދޫކޮށްލިކަމުގެ ޢަލާމަތެއްގެ ގޮތުގައްޔާއި، އެހެން މީހުންގެ ތެރެއިން އެމީހުން ވަކިވެ ފާހަގަވާނެ ޢަލާމާތެއްގެ ގޮތުންނެވެ. މިއީ ކުއްތަން ވެވޭނެ ކަންކަމާއި ނުވެވޭނެ ކަންކަމާ މެދު އެމީހުންގެ ޖާހިލުކަމެވެ. އަދި އެއީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި الخلفاء الراشدون އާއި އެބޭކަލުންނަށް ތަބާވެ ވަޑައިގެން ބޭކަލުން؛ އެގޮތެއްގައި ތިއްބެވި ގޮތާއި ޚިލާފަށް ދީނުގައި އެމީހުން އުފެއްދި ބިދުޢައެކެވެ. ފަހެ އެއިން އެއްވެސް ބޭކަލަކު އެބޭކަލުން ފާހަގަވެގަންނަ ޢަލާމާތެއް ކަމުގައި ބޯބާލައިގެން އުޅުން ހައްދަވާފައެއް ނުވެއެވެ."{مجموع الفتاوى 21/118} {المفهم لما أشكل من تلخيص كتاب مسلم9/91} ފިރިހެނުން ބޯ ބޭލުން އެއީ، އޭގެ ޛާތުގައި ޙަރާމް ކަމެއް ނޫނެވެ. އަދި ބޯބާލާފާއި ހުންނަ ކޮންމެ މީހަކީ ޚަވާރިޖެއް ނުވަތަ ބިދުޢަވެރިއެއްވެސް ނޫނެވެ. ނަމަވެސް ބޯބޭލުން އެއީ ދީންވެރިކަމާއި ތަޤުވާވެރިކަމުގެ ޝިޢާރެއްގެ ގޮތުގައި ނުވަތަ ވަކި ޚާއްޞަ ދީނީ ވައްޓަފާޅިއެއްގައި އަނެކުންނާ ތަފާތުވެ ތިމާމެން ފާހަގަވެ ފާޅުވެގަތުމުގެ ގޮތުން ކުރާކަމެއް ނަމަ، ނުވަތަ މީހާ؛ ރަނގަނޅު ޞައްޙަ މަންހަޖަށް ވަދެ، ދިންނަވާނެ މީހުންގެ ތެރެއިން ހިމެނިއްޖެކަމުގެ ޞިފައެއްކަމުގައި ބެލެވޭނަމަ އެއީ ކަނޑައެޅިގެން ބިދުޢަވެރިންގެ މަގެވެ. ޞޫފީންގެ ވައްޓަފާޅި ބަޔާން ކުރައްވައި ابن تيمية رحمه الله ވިދާޅުވިއެވެ. " ފަޤީރު ޒާހިދު އަޅުވެރިންނާއި، ޞޫފީންގެ ފިރުޤާތަކުން އެބައިމީހުންގެ ދީންވެރިކަމާއި، އަޅުވެރިކަމެއްގެ ގޮތުގައި ބޯބޭލުން ވަނީ ހަދާފައެވެ. މިގޮތުން އެއީ ދީންވެރި، އަޅުވެރި، ހެޔޮރަނގަޅު، ތައުބާވި މީހުންނާއި، ﷲ ގެ މަގަށް ހެޔޮގޮތުގައި ދަތުރުކުރާ ފަޤީރު ޞޫފިއްޔަތުގެ އަހުލުވެރިން ކަމުގެ ޝިޢާރެއްކަމުގައްޔާއި، އެމީހުންގެ ޢަލާމާތެއްކަމުގައި އެކަން ހެދިއެވެ. މިހެން ގޮސް އެކަން ނުކުރާމީހަކީ އެމީހުންގެ ގާތުގައި އެމީހެއްގެ ސުލޫކުގައި ޢައިބު އުނިމީހެއްކަމުގައި ދެކެއެވެ. އަދި އެމީހަކީ އެމީހުން އެ ޤަބޫލުކުރާ އެންމެ ރަނގަޅު މަގުން ބޭރުވެގެންވާ މީހުއްކަމުގައްޔާއި، އެކަން ކޮށްފިމީހަކު އެވަނީ އެމީހުންގެ އެ ޤަބޫލުކުރާ ތެދުމަގާއި، އެމީހުންގެ ގޮތަށް ތަބާވެގެންވާ މީހެއްކަމުގައި އެމީހުން ދެކެއެވެ. ފަހެ ، މިއީ އެންމެހައި މުސްލިމުން އިއްތިފާޤުވާ ގޮތުގައި މާތް ﷲ ގެ ސީދާވެގެންވާ މަގުން ފުރެދިގެންވާ ބޮޑު މަގު ފުރެދުމެކެވެ. އެކަން އެއީ ދީންވެރިކަމެއްގެ ގޮތުގައި އަދި ދީންވެރި މީހުންގެ ޝިޢާރެއްގެ ގޮތުގައި ދުށުމީ، ދީނުގެ ކަންކަން ބަދަލުކުރުމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އަދި ކިއެއްތަ އެއީ، ދީނުގެ މަގުން ބޭރުވެގެންދިޔުމުގެ ޢަލާމާތަކަށްވުން މާގާތްކަން ބޮޑެވެ." الاستقامة لابن تيمية (1/256)، وأحكام أهل الذمة (3/1291).
އެންމެފަހުގެ ވީޑިއޯ
މަރުވުމަށްފަހު (ދަރުސް)