ލަދުވެތިކަން

އިސްލާމްދީނައިގެން ކީރިތި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފޮނުއްވުނު މަޤްޞަދުގެ ޚުލާސާ އަކީ ރިވެތި އަޚުލާޤު ފުރިހަމަ ކުރެއްވުމެވެ. މަތިވެރި އަޚްލާޤީ އެންމެހައި ސިފަތަކުން ޒީނަތްތެރި ވެފައިވީހިނދުގައިވެސް، އޭގެތެރެއިންވެސް ފާހަގަ ކުރެވޭ ޚާއްޞަ އަޚްލާޤީ ޞިފައެއްގެ ގޮތުގައި ލަދުވެތިކަން ފާހަގަކުރެވިފައިވުމުން، ލަދުވެތިކަމުގެ މާތްކަމާއި މުހިންމުކަން ދޭހަވެއެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.{ إِنَّ لِكُلِّ دِينٍ خُلُقًا وَخُلُقُ الْإِسْلَامِ الْحَيَاءُ}{رواه مالك في الموطأ ، قال الألباني صحيح ،سلسلة الصيحة مختصرة:940} މާނައީ" ކޮންމެ ދީނަކަށްވެސް ޚާއްޞަވެގެންވާ އަޚްލާޤީ ޞިފައެއް ވެއެވެ. ފަހެ އެގޮތުން އިސްލާމް ދީނުގެ ޚާއްޞަ އަޚްލާޤީ ޞިފައަކީ ލަދުވެތިކަމެވެ." ލަދުވެތިކަމަކީ ހުރިހާ ހެޔޮކަމެއްގެ އަސާސެވެ. ލަދުވެތިކަމުގެ ޞިފަ ހުރެއްޖެމީހަކު އެވަނީ ހެޔޮކަމުގެ މަގެއްގައިކަން ކަށަވަރެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. {الْحَيَاءُ لَا يَأْتِي إِلَّا بِخَيْرٍ}{رواه البخاري ومسلم} މާނައީ" ލަދުވެތިކަން ހެޔޮކަމަކައިގެން ނޫނީ ނާންނާނެތެވެ." އެބަހީ ލަދުވެތިކަމުގެ ޞިފަހުރެއްޖެ މީހަކަށް، އެކަމުގެ ސަބަބުން ހެޔޮ ރަނގަޅު ކަމެއް މެނުވީ ނުވާނެތެވެ. އެކަމުގެ ސަބަބުން އޭނާއަށް ދެރަގޮތެއް ނުވާނެތެވެ. ލަދުވެތިވުމާއި، ކެރުންތެރިކަމަކީ ތަފާތު ދެކަމެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުންގައި ކޮންމެ ކަމެއްވެސް ކުރަން ކެރެން ޖެހޭނެއެވެ. ޖެހިލުންވެ ފަސްޖެހުމަކީ ފިނޑިކަމެވެ. މިފަދަމީހުން، ކެރުންތެރިކަމުގެ ނަމުގައި ދަސްކޮށްދެނީ ލަދުޙަޔާތްކެނޑުމެވެ. އަހަރުމެންނީ އިސްލާމުން ކަމުގައި ވީހިނދު ކުރެވޭނެ ކަންތަކާއި، ނުކުރެވޭނެ ކަންކަން ހުންނާނެއެވެ. ޢައުރަ ނިވާނުވާ ވަރުގެ ކުރު އެއްޗެއްސާއި، ބާރު އަދި ތުނި އެއްޗެހިލައިގެން؛ ނިވާވެރިކަމެއްނެތި މަގުމައްޗަށް ނިކުމެ އުޅުމާއި، އަންހެނުން ހިލޭފިރިހެނުން ކުރިމަތި ނެށުމާއި، ފާޅުކުރުން ، ޙަރާމް ކުރައްވާފައިވާ ޒީނަތްތެރިކަން ފާޅުކޮށް، ތިމާގެ ޢިއްފަތާއި އަބުރު ނަގާލުމަކީ ކެރުންތެރި ކަމެއް ނޫނެވެ. އެއީ ލަދުޙަޔާތް ކެނޑުމެވެ. އެފަދަކަންކަން ޒީނަތްތެރިކޮށްދިނުމީ ޝައިޠާނާގެ ޢަމަލެއްކަމުގައި ވީހިނދު، ތަޢުލީމާއި ތަރުބިޔަތުގެ ނަމުގައި އެފަދަ ކަންކަމަށް ބާރުއަޅާ ބައެއްގެ ކަންކަމާއިމެދު ބަޔަކު ޢަޖައިބުވެ އަންތަރީސް ނުވާނެ ހެއްޔެވެ؟ ތެދެކެވެ! ލަތުވެތިކަން ނެތި ގޮއްސިނަމަ ދެން ކުރާކަށް ވަކިކަމެއް ނޯންނާނެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.{ إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ}{رواه البخاري} މާނައީ" ހަމަކަށަވަރުން "ތިމާ ލަދު ނުގަންނަ ނަމަ، ދެން ކޮންމެ ކަމެއްވެސް ކޮށްފާނެޔޭ" މި ބަހަކީ ނަބީކަމުގެ ބަސްފުޅުތަކުގެތެރެއިން މީސްތަކުން ލިބިގެންފައިވާ ބަހެކެވެ." ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ލަދުވެތިކަމުގެ މިންވަރާބެހޭގޮތުން أَبو سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَشَدَّ حَيَاءً مِنْ الْعَذْرَاءِ فِي خِدْرِهَا}{ رواه البخاري ومسلم} މާނައީ" ފަރުދާގެ ފަހަތުގައި ނިވާވެ ތިބޭ ބިކުރުވެރި އަންހެން ކުދިންނަށް ވުރެވެސް، ކީރިތީ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ލަތުވެތިކަން ބޮޑުވެގެން ވެއެވެ." ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ލަދުވެތިކަމުގެ މި މަތިވެރި ޞިފައިން ޞިފަލިބިގަނެ އަޅުގަނޑުމެންގެ ދުލާއި، ލޮލާއި، އެހެނިހެން ގުނަވަންތައް މިޞިފައިން ޒީނަތްތެރި ކުރަމާ ހިނގާށެވެ!
އެންމެފަހުގެ ވީޑިއޯ
މަރުވުމަށްފަހު (ދަރުސް)