މުސްލިމުންނާއި ގުޅުން ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާ މިންވަރު.

بسم الله والحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد :

ކީރިތި ޤުރްއާނުގައި އަދި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެންވާ ޞަރީޙަ ސާފު ނައްޞުތަކުން އެނގި ސާފުވެ ބަޔާންވެގެންވާ ގޮތުގައި މުސްލިމު އުންމަތަކީ އެއްބައެކެވެ. ވީމާ މުސްލިމުން އެކަކު އަނެކަކާ ގުޅުން ދެމެހެއްޓުން އެއީ ވާޖިބުކަމެކެވެ. އަދި އެގުޅުން ކަނޑާލުކަމީ ޙަރާމްކަމެކެވެ. މުސްލިމުންގެ މީހަކާ ގުޅުން ކަނޑާލުން ހުއްދަވާނީ ޝަރުޢީގޮތުން އެކަން ހުއްދަވާ ޙާލެއްގައި ހުއްދަވާ މިންވަރަކަށެވެ. އެކަމުގެ ޝަރުޢީ މަޤްޞަދު ޙާޞިލުވުމާއި ނުވުމުގެ މައްޗަށެވެ. ފަހަރެއްގައިވެސް މުސްލިމުންނާ ގުޅުން ކެނޑުމަކީ ތިމަތިމާމެންގެ ހަވާ ނަފްސުގެ އެދުންތަކުގެ މައްޗަށް ބުރަވެގެން ކުރެވިގެންވާނެކަމެއް ނޫނެވެ. ކަން މިހެން ހުރިނަމަވެސް މިހާރަކަށް އައިސް އިސްލާމް ދީން އަމުރުކުރައްވަނީ ގުޅުން ކެނޑުމަށްކަމުގައި ބަޔަކު ދެކެން ފަށައިފިއެވެ. ނުވަތަ ބަޔަކު ދެކޭގޮތުގައި އަޞްލަކީ މުސްލިމުންނާ ގުޅުން ކެނޑުމެވެ. ގުޅުން އޮންނަން ޖެހޭނީ ވަކިޙާލަތެއްގައި ވަކިބަޔަކާއެވެ. ޝައްކެއްނެތް ގޮތުގައި މިއީ ޝަރީޢަތުގެ ނައްޞުތަކުގެ މާނަ އޮޅުވާލުންކަމުގައި ނޫނީ ނުވާނެތެވެ. އަދި ކިއެއްތަ އެއީ ޝަރުޢީ ނައްޞުތައް އޭގެ މާނައާއި ދިމާ އިދިކޮޅަށް ވިސްނުމެވެ.
 
މުސްލިމުންނާ ގުޅުން ދަމަހައްޓަން ޖެހޭނެކަމަށް ދަލީލުކުރާ ކަންކަން:

1- އެބައިމީހުންނީ އަޚުވަންތަބައެއް ކަމުގައި  ކީރިތި ޤުރްއާނާއި ސުންނަތުގައި ޞިފަކުރައްވާފައިވުން.
2- ދެއަޚުންގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެކަން އިޞްލާޙުކޮށް ޞުލްޙަވުމަށް އަންގަވާފައިވުން.
3- މުސްލިމެއްގެ ޙާޖަތްތައް ފުއްދުމުގައި ދެމިހުންނަމީހާގެ ޙާޖާތްތައް ފުއްދަވައިދެއްވުމުގައި ﷲ ވޮޑިގެންވާކަމުގައި ޙަދީޘްފުޅުގައި ބަޔާންވެފައިވުން.
4- މުސްލިމަކު އޭނާގެ ޢަދާވާތްތެރިޔާއަށް ދޫނުރާނެކަށާއި،
5- އަނިޔާވެރި ނުވާނެކަމަށާއި،
6- ނިކަމެތިކޮށް ނުހިތާނެކަމަށް ޙަދީޘްކުރައްވާފައިވުން.
7- މުސްލިމެއްގެ ޢައިބު ފޮރުވައިފި މީހަކުގެ ޢައިބުތައް މާތް ﷲ ފޮރުއްވައި ދެއްވާނެކަމުގައި ޙަދީޘްފުޅުގައި ވާރިދުވެފައިވުން.
8- މުސްލިމަކު ފަޟީޙަތްކޮށްފި މީހެއްގެ ޢައިބުތައް މާތް ﷲ ފަޟީޙަތް ކުރައްވާނެކަމުގައި ވާރިދުވެފައިވުން.
9- މުސްލިމެއްގެ ކިބައިން އުނދަގުލެއް ދުރުކޮށްދީފި މީހަކަށް އާޚިރަތް ދުވަހުގެ އުނދަގޫތަކުން އުނދަގުލެއް މާތް ﷲ ދުރުކޮށްދެއްވާނެކަމުގައި ވާރިދުވެފައިވުން
10- މުސްލިމުންގެ ލެއާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ ތަކެތިކަން ކީރިތިޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިފައިވުން.
11- ތިމާގެ މުސްލިމު އަޚާ ނުރުހޭ ވާހަކައެއް އޭނާ ނެތްތަނެއްގައި ދެއްކުން ނުވަތަ ޣީބަ ބުނުން ޙަރާމްކުރައްވާފައިވުން.
12- ދެމުސްލިމެއްގެ ދެމެދުގައި ރުޅިވެރިކަން އުފެދޭކަހަލަ އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ ދެބައޮޑުވުން ޙަރާމްކުރައްވާފައިވުން.
13- މުސްލިމަކާދިމާއަށް އެއްޗެހިގޮވުން އެއީ ފާސިޤު އަމަލެއްކަމުގައި ޙަދީޘްކުރައްފައިވުން.
14- ތިން ދުވަހަށްވުރެ ދިގު މުއްދަތަކަށް މުސްލިމަކާ ގުޅުން ކަނޑާފައިހުރުން ހުއްދަ ނުވާނެކަމަށް ޙަދީޘްކުރައްވާފައިވުން.
15- ދެމުސްލިމުންގެ ދެމެދުގައި ޢަދާވާތްތެރިކަމެއް އޮވެއްޖެނަމަ އެދެމީހުން ޞުލްހަވެއްޖައުމަށް ދާންދެން އެދެމީހުންގެ ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތަށް އުފުލޭހިނދު ފާފަ ނުފުއްސެވޭނެކަމުގައި ޙަދީޘްކުރައްވާފައިވުން.
16- ކުށްހީއަކީ ފާފައެއްކަމުގައި ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިވުން.
17- ޖާސޫސު ކުރުން ޙަރާމްވެގެންވުން.
18- އެކެއްގެ ވިޔަފާރީގެމައްޗަށް އަނެކަކު ވިޔަވާރިކުރުން ނަހީކުރައްވާފައިވުން.
19- އެކަކު އަންހެންކުއްޖަކާއިކައިވެނި ކުރުމަށް އަންހެން ކުއްޖާގެ ވަލީވެރިޔާއަށް ހުށައަޅާފައި ވަނިކޮށް އެކަން އެނގިހުރެ އަނެކަކު ކައިވެނި ހުށައެޅުން ނަހީކުރެވިފައިވުން.
20- ތިންމީހުން ތިބޭތަނެއްގައި އަނެކާގެ އިޛްނަޔާނުލާ އޭގެ ތެރެއިން ދެމީހަކު ސިއްރުން ވާހަދެއްކުން ނަހީކުރެވިފައިވުން.
21- އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރުން ކީރިތި ޤުރްއާނާއި ސުންނަތުގައި މަނާކުރައްވާފައިވުން.
22- މުސްލިމުންނަށް އުނދަގޫވާ އެއްޗެހި އެއްފަރާތްކުރުމުގެ ދަރުމައިގެ ބޮޑުކަމުގެ ވާހަކަ ޙަދީޘްފުޅުގައި ބަޔާންކުރައްވާފައިވުން.
23- އަވަށްޓެރިޔާއަށް ތިމާގެ މުދަލުން ވާރުތަވެދާނެޔޭ ހީފުޅުވާވަރަށް ޖިބުރީލުގެފާނު ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށް އެމީހުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވާފައިވުން. އަދި އެކަން މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވުމާއި ގުޅުއްވާފައިވުން.
24- އަވަށްޓެރިޔާއަށް އުނދަގޫކުރާމީހާ އީމާން ނުވެޔޭ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ތަކުރާރުކޮށް ތިންފަހަރު ޙަދީޘްކުރެއްވުން.
25- މުސްލިމަކާ ދިމާއަށް ހަތިޔާރު ދިއްކުރުން އެއީ އެމީހެއްގެމައްޗަށް މަލާއިކަތް ބޭކަލުން ލަޢުނަތް ލައްވާނެކަމެއްކަމުގައި ޙަދީޘްކުރައްވާފައިވުން.
26- މުސްލިމުންގެ މައްޗަށް ހަތިޔާރު އުފުލާމީހަކީ ތިމަންމެންގެތެރެއިންވާމީހެއް ނޫންކަމުގައި ޙަދީޘްކުރައްވާފައިވުން.
27- މުސްލިމުންގެ ތެރޭގައި ހަތިޔާރު ގެންގުޅޭއިރުވެސް އެއިން މުސްލިމަކަށް އުނދަގުލެއް ނުވާގޮތަށް ގެންގުޅުމަށް އިރުޝާދެވިފައިވުން.
28- ޤަޞްދުގައި މުއުމިނަކު މަރައިފިމީހާގެ ސަޒާއަކީ ނަރަކަކަމުގައި ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވުން.
29- މުސްލިމެއްގެ އަބުރަށް އެރުން ރިބާގެ ފާފައިގެ އެންމެމަތީ ދަރަޖައާއި އެއްފަދަ ކުރައްވާފައިވުން.
30- ޙަޤީޤީ މުސްލިމަކީ ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އަނެއް މުސްލިމު އަޚާ ސަލާމަތްވެގެންވާމީހާ ކަމުގައި ޙަދީޘްކުރައްވާފައިވުން.
31- ތިމާގެ އަމިއްލަ ނަފްސަށް އެދޭކަންކަން ތިމާގެ މުސްލިމު އަޚާއަށްވެސް އެދިއްޖައުމަށް ދާންދެން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް ހަދީޘްކުރައްވާފައިވުން.
32- ގެފުޅުގެ ޙުރުމަތަށްވުރެވެސް މުސްލިމެއްގެ ޙުރުމަތް ބޮޑުވެގެންވާކަމުގައި ޙަދީޘްކުރައްވާފައިވުން.
33- މުސްލިމެއް ޤަތުލުކޮށްލުން ދުނިޔެ ފަނާވެދިޔުމަށްވުރެވެސް މާތް ﷲ ގެ ޙަޟްރަތުގައި ބޮޑުވެގެންވާކަމުގައި ޙަދީޘްކުރައްވާފައިވުން.
34- މުސްލިމުން އެއްބަޔަކު އަނެއްބައެއްގެ ކަނދުރާގައި ތެޅުމަކީ ކުފުރުގެ ޢަމަލެއްކަމުގައި ޙަދީޘްކުރައްވާފައިވުން.
35- މުސްލިމެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި އެކަމުގެމައްޗަށް ޢަދުލުވެރި ހަތަރު ފިރިހެނުންގެ ހެކިބަސް ނުދެއްކިއްޖެނަމަ 80 އެތިފަހަރުން ޙައްދުޖެހުން ކީރިތި ޤުރްއާނުގައި ވާޖިބުކުރައްވާފައިވުން.
36- ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަށް ކީރިތި ޤުރްއާނާއި ސުންނަތުގައި އަމުރުކުރައްވާފައިވުން.
37- ރަޙިމުގެ ގުޅުންކަނޑާމީހާ ސުވަރުގެ ނުވަންނާނެކަމަށް ޙަދީޘްކުރައްވާފައިވުން.
38- ރަޙިމުގެ ގުޅުން ކެނޑިދާނެކަމަށްޓަކައި އަންހެނާއާއި އޭނާގެ ބޮޑުދައިތައާއި އެއްވަގުތެއްގައި ކައިވެނިކުރުން ނަހީކުރެވިފައިވުން.
39- އެކަކު އަނެކަކަށް ފުރަގަސްދިނުން ނަހީކުރައްވާފައިވުން.
40- އެކަކު އަނެކަކަށް ޙަދަސަވެރިވުން ނަހީކުރައްވާފައިވުން.
41- އެކަކު އަނެކަކާ ރުޅިވެރިވުން ނަހީކުރައްވާފައިވުން.
42- މުސްލިމުންގެ މެދުގައި ޢަދާވާތްތެރިކަން ފެތުރިދާނެކަމަށްޓަކައި ޖުވާކުޅުން ޙަރާމްކުރައްވާފައިވުން.
43- މުދަލުގެ ބޭނުން ނުވާމީހާ ނީލަމުގައި އަގުމައްޗަށް ކިޔުން ނަހީކުރައްވާފައިވުން.
44- ބައިބައިވެ ވަކިވަކިވެގަތުމަކީ ޖާހިލިއްޔަތުގެ ކަމެއްކަމުގައި ޙަދީޘްކުރައްވާފައިވުން.
45- މުސްލިމަކު ނިކަމެތިކޮށްލުން މީހާއަށް ކުރެވޭ ފާފައަކަށް ފުދޭކަމުގައި ޙަދީޘްކުރައްވާފައިވުން.
46- މުއުމިނަކީ މީސްތަކުންނަށް އެމީހަކާ ގުޅިގެން އުޅެވޭމީހާކަމާއި އެމީހަކާގުޅިގެން އެހެންމީހުންނަށް ނޫޅެވޭ، އަދި އެހެންމީހުންނާ ގުޅިގެން އެމީހަކަށް ނޫޅެވޭމީހެއްގައި ހެވެއްނެތްކަމުގައި ޙަދީޘްކުރައްވާފައިވުން.
47- މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރަމުންދާ ޙާލުގައިވެސް އެއީ އަޚުންކަމުގައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވުން.
48- ކަންކަމުގައި އެކަކު އަނެކަކާ މަޝްވަރާކުރުމަށް އަންގަވާފައިވުން.
49- އެކަކު އަނެކަކަށް އޯގާތެރިވުމަށް އަމުރުކުރައްވާފައިވުން.
50- މުސްލިމުންނާ ނުގުޅި އުޅޭމީހާއަށްވުރެ މުސްލިމުންނާ ގުޅި އެބައިމީހުންގެ ފަރާތުންއަންނަ ހިތްހަމަނުޖެހޭ ކަންކަމަށް ކެތްތެރިވާމީހާ ހެޔޮކަން ބޮޑުކަމުގައި ޙަދީޘްކުރައްވާފައިވުން.
51- ތިމާގެ މުސްލިމު އަޚާގެ ކިބައިން ކުރިމަތިވާ ކަންކަމަށް މަޢާފުކުރުމީ ފާފަފުއްސެވުމުގެ ސަބަބެއްކަމުގައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވުން.
52- އަމިއްލަ ޙާޖަތްތަކުގެމައްޗަށް ތިމާގެ މުސްލިމު އަޚާގެ ޙާޖަތްތައް އިސްކުރުމުގެ މަތިވެރި ޞިފައަށް ކީރިތި ޤުރްއާނުގައި ތަޢުރީފުކުރައްވާފައިވުން.
53- ތިމާގެ މުސްލިމު އަޚާއަށް އޭނާގެ ޣައިބަތުގައި ހެޔޮދުޢާކުރާމީހާއަށް މަލާއިކަތް ބޭކަލުން ހެޔޮދުޢާކުރައްވާނެކަމުގައި އަންގަވާފައިވުން.
54- މުސްލިމުންގެ އުފަލާއި ހިތާމަތަކުގައި ބައިވެރިވުމަށް އިރުޝާދުދެވިފައިވުން.
55- ވަޢުދުތަކާއި ޢަހުދުތަކަށް ވަފާތެރިވުމަށް ކީރިތި ޤުރްއާނާއި ސުނަތުގައި އަންގަވާފައިވުން.
56- ދުނިޔަވީ މަޤްޞަދެއްނެތި ތިމާގެ މުސްލިމު އަޚާއަށް ޒިޔާރަތްކުރާމީހާ އަށް މާތް ﷲ ލޯބިވެވޮޑިގަންނަވާނެކަމުގައި ޙަދީޘްކުރައްވާފައިވުން.
57- މަޖިލީހެއްގައި އިށީނދެ ތިބި ދެއަޚުންގެ ދެމެދުގައި އެދެއަޚުންގެ ހުއްދަ ނުހޯދައި އިށީނުން ނަހީކުރައްވާފައިވުން. އަދި މަޖިލީހުގެ މެދުގައި އެމީހުންގެ އިޛްނަނެތި އިށީންނަމީހާއަށް ލަޢުނަތްހުރިކަމުގައި ޙަދީޘްކުރައްވާފައިވުން.
58- ދެމީހަކު އެކުވެގެން ކުރެވޭ ވިޔަފާރިއެއްގައި އެކަކު އޭނާގެ ޙިއްސާ ވިއްކާލަން ބޭނުންވާހިނދު، ނުވަތަ ދެމީހުން ބައިވެރިވާ ބިމެއްގައި އޭގެތެރެއިން އެކަކު އޭނާގެ ޙިއްސާ ވިއްކާލާހިނދު އަނެކާ އެބައި ގަތުމުގެ ޙައްޤުގައި އިސްވެގެންވުން. ( ޝުފްޢާގެ ޙައްޤު)
59- ޖެހިގެން ހުންނަ ގޭގެ މީހުން އަނެކާގެ ފާރަށް ގެއްލުން ނުވާގޮތަށް އަވަށްޓެރިޔާގެ ގޭގެ ފާރުގެ ބޭނުންކުރުމުގެ ހުއްދަ ދެއްވާފައިވުން.
60- މުސްލިމުންގެ ޙައްޤުގެ ގޮތުގައި އެކަކު އަނެކަކާ ބައްދަލުވުމުން ސަލާމްގޮވުމާއި،
61- ބަލިވެއްޖެނަމަ ޒިޔާރަތް ކުރުމާއި ،
62- ދަޢުވަތެއް ދީފިނަމަ އިޖާބަދިނުމާއި،
63- ނަޞޭހަތަކަށް އެދިއްޖެނަމަ ނަޞޭޙަތް ދިނުމާއި،
64- ކިނބިއްސެއް އަޅައި ﷲ އަށް ޙަމްދުކޮށްފިނަމަ އޭނާއަށް ރަޙުމަތްލެއްވުން އެދި ދުޢާކުރުކުމާއި،
65- މަރުވެއްޖެނަމަ ޖަނާޒާގެ ފަހަތުން ދިޔުމަށް އަމުރުކުރައްވާފައިވުން.
66- މުސްލިމުއަޚާ ކައިވެނިކޮށްފިނަމަ އެކައިވެނީގައި ބަރަކާތްލައްވައި ހެޔޮގޮތުގައި އެދޭމީހުން ޖަމާކުރެއްވުން އެދި ދުޢާކުރުމަށް އިރުޝާދުދެއްވާފައިވުން.
67- މުސްލިމު އަޚަކަށް ދަރިޔަކު ލިބިއްޖެނަމަ އެދަރިފުޅުގައި ބަރަކާތްލެއްވުމަށާއި މައިން ބަފައިންގެ ބަސްއަހާ ކުއްޖަކަށްވުމަށް އެދި ދުޢާކޮށް ތަހުނިޔާކިޔުމަށް އަންގަވާފައިވުން.
68- މުސްލިމަކަށް މާތް ﷲ ނިޢުމަތެއް ދެއްވައިފިނަމަ އެނިޢުމަތަކީ ﷲ ދެއްވި ނިޢުމަތެއްކަމަށް ހަނދުމަކޮށް، އެނިޢުމަތް ދެމިއޮތުމަށް އެދުމަށް އިރުޝާދެއްވާފައިވުން.
69- މުސްލިމު އަޚަކު އައު ހެދުމެއްލައިފިނަމަ ބަރަކާތަށް އެދި ދުޢާކުރުމަށް އަންގަވާފައިވުން.
70- ލޯބިވެތިކަން ބަދަހިކުރުމަށްޓަކައި ހަދިޔާ ބަދަލުކުރުމަށް ބާރު އަޅުއްވާފައިވުން.
71- ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާމީހާ މެހުމާނުންނަށް ކަމޭހިތުމަށް އަމުރުކުރައްވާފައިވުން.
72- މުސްލިމު އަޚާގެ ކުރިމަތީގައި ހިނިތުންވުން ޞަދަޤާތެއްކަމުގައި ޙަދީޘްކުރައްވާފައިވުން.
73- މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވެތި ބައެއްކަމުގައި ވެއްޖައުމަށް ދާންދެން އީމާންކަން ފުރިހަމަ ނުވާނެކަމުގައި ޙަދީޘްކުރައްވާފައިވުން.
74- އަދި ލޯބިވެތި ބަޔަކަށް ވުމަށްޓަކައި ސަލާމް ފެތުރުމަށް އަމުރުކުރައްވާފައިވުން. އަދި ލޯބިވެތިކަމާއި ސުވަރުގެވަނުމަށްޓަކައި ކޮންމެހެން ލާޒިމުވާ އީމާންކަމާ ގުޅުވާފައިވުން.
75- މުސްލިމުންނަށް މަކަރުހަދާމީހުންނަކީ ތިމަންމެންގެ ތެރެއިންވާ މީހެއްނޫންކަމުގައި ޙަދީޘްކުރައްވާފައިވުން.
76- ބިމުގައިވާ ފަރާތްތަކަށް އޯގާތެރިވާމީހާއަށް އުޑުގައިވާ ކަލާނގެ އޯގާތެރިވެ ވޮޑިގަންނަވާނެކަމުގައި ހަދީޘްކުރައްވާފައިވުން.
77- ﷲ އަށްޓަކައި ގުޅިއްޖެ ދެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެކަމުގައި ޙަދީޘްކުރައްވާފައިވުން.
78- ﷲ އަށް ޓަކައި ލޯބިވާމީހާއަށް އީމާންކަމުގެ މީރު ރަހަ އިޙްސާސް ކުރެވޭނެކަމުގައި ޙަދީޘް ކުރައްވާފައިވުން.
79- ﷲ އަށްޓަކައި އެކަކު އަނެކަކަށް ލޯބިވާމީހާއަށް ޤިޔާމަތްދުވަހު ބޮޑުވެގެންވާ ޢިތްޒަތް ދެއްވާނެކަން.
80- އިސްލާމީ އުންމަތަކީ އެއް އުންމަތެއްކަމުގައި މާތް ﷲ ކީރިތި ޤުރްއާނުގައި އަންގަވާފައިވުން.
81- އަނިޔާކުރާ ޙާލުގައްޔާއި އަނިޔާލިބޭ ޙާލުގައިވެސް މުސްލިމު އަޚާއަށް ނަޞުރުދިނުމަށް ޙަދީޘްފުޅުގައި އަމުރުކުރައްވާފައިވުން.
82- އެންމެން އެކަތިގަނޑަކަށްވެ މާތް ﷲގެ ދީނުގައި ހިފެހެއްޓުމަށާއި ވަކިވަކިވެ ނުގަތުމަށް ކީރިތި ޤުރްއާނުގައި އަމުރުކުރައްވާފައިވުން.
އިސްވެ ބަޔާންކުރެވުނީ މުސްލިމުންނާ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއްކަން ދަލީލުކުރާ ހެކިތަކެވެ. މުސްލިމަކާ ގުޅުން ކަނޑާލުމަކީ ޙަރާމްކަމެކެވެ. އެކަން ހުއްދަވާނީ ދެންވެސް މުސްލިމު އަޚާގެ މަޞްލަޙަތު އޮތްނަމައެވެ. ނުވަތަ ދީނީގޮތުން ގުޅުން ކެނޑުމަށް އަންގަވާފައިވާ ޙާލަތެއްގައެވެ. އެހެންނޫންނަމަ އެކަން ވެގެންދާނީ މުސްލިމުންގެ މެދުގައި ޢަދާވާތްތެރިކަން ފެތުރުންކަމުގައެވެ. މުސްލިމުންގެ މެދުގައި ޢަދާވާތްތެރިކަން ފެތުރުމަކީ ކަނޑައެޅިގެން ޙަރާމްކަމަކެވެ. ވީމާ  ޝަރުޢީގޮތުން ގުޅުންކެނޑުން ހުއްދަވާ ޙާލަތަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދަންނަން ޖެހޭނެއެވެ. އެހެނީ މުސްލިމުންނާ ގުޅުން ކެނޑުމަކީ ޙަރާމްކަމަކަށް ވީހިނދު އެކަން ހުއްދަވާ ޟަރޫރީ ޙާލަތުނުބަލައި ޝަރުޢީގޮތުން ގުޅުން ކެނޑުން ހުއްދަނޫން ޙާލަތެއްގައި ގުޅުން ކަނޑައިފިނަމަ އޭނާ އެއަރައި ގަންނަނީ ފާފައަކަށެވެ. އެޙާލަތުގައި އެ ތަބާވަނީ މާތް ﷲ ގެ އެންގެވުމަކަށް ނޫނެވެ. އެ ތަބާވަނީ އޭނާގެ ހަވާންފަސުގެ އެދުންތަކަށެވެ.

شيخ الإسلام ابن تيمية رحمه الله ވިދާޅުވިއެވެ."

ފަހެ ޝަރުޢީ އުޞޫލުން ގުޅުން ކެނޑުމަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم  އަމުރުކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވީއިރު އަޅުކަމެއް ކުރަންޖެހޭނީ މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު އެކަލާނގެ އަމުރުކުރައްވާފައިވާ ގޮތުގެމަތިންނެވެ. ތިމާގެ ހަވާނަފްސުގެ އެދުމަކަށް ގުޅުންކަނޑައިފިމީހާ ނުވަތަ އަމުރުވެވިގެން ނުވާކަމަކަށް ގުޅުންކަނޑައިފިމީހާ އެއީ އިސްވެ ބަޔާންކުރެވުނު މަގުން އެއްކިބާވެފައިވާމީހެކެވެ. ފަހެ މާތް ﷲ އަށް އަދާކުރެވޭ އަޅުކަމެއްކަމުގައި ހީވެގެން ނަފްސުތަކުގެ އެދުންތަކަށް ތަބާވެ ގުޅުން ކަނޑާފައިވާމިހުންގެ ގިނަކަމާއެވެ!"


އެންމެފަހުގެ ވީޑިއޯ
މަރުވުމަށްފަހު (ދަރުސް)