އިޚްތިލާފީ މައްސަލަތަކުގައި އިންކާރު ކުރުމެއްނެތޭ ބުނުމަކީ ޢާންމު ޙުކުމެއް ނޫން - (1)

މިޢިބާރާތަކީ މިހާރަކަށްއައިސް ވަރަށްގިނައިން އިވޭ އަޑެކެވެ. ޢިލްމުވެރިން މައްސަލައެއްގައި އިޚްތިލާފުވެފައިވާ ކޮންމެ މައްސަލައެއްގައި ކީރިތި ޤުރްއާނުގެ އާޔަތެއްހެން ނުވަތަ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްހެން ބައެއްމީހުން މިޢިބާރާތް ތަކުރާރު ކުރެއެވެ. ވީމާ މިޢިބާރާތް ޢިލްމުވެރިން ބޭނުންކުރައްވާފައިވަނީ ކިހިނެއްތޯ ބަލާލަން ޖެހެއެވެ. އެހެނީ މިޢިބާރާތަކީ ބައެއް މީހުންގެ ގާތުގައި އިސްލާމީ ޝަރީޢަތުގައި ވާރިދުވެފައިވާ ނައްޞުތަކުގެ މައްޗަށް ޙުކުމްކުރާ އެއްޗަކަށް މިއަދު ވެއްޖެއެވެ.

ދަންނައެވެ. ޢިލްމުވެރިންގެތެރޭގައި ޚިޔާލުތަފާތު މައްސަލަތައް ދެބަޔަކަށް ބެހެއެވެ. އެއީ ޢިޚްތިލާފީ މައްސަލަތަކާއި އިޖްތިހާދީ މައްސަލަތަކެވެ. އިޚްތިލާފީ މައްސަލަތަކަކީ ޢިލްމުވެރިން ޚިޔާލު ތަފާތުވީ ނަމަވެސް އެއިން ވަކިކޮޅަކަށް ބުރަކުރެވޭފަދަ ނައްޞެއް ވާރިދުވެފައިވާ މައްސަލަތެކެވެ. އިޖްތިހާދީ މައްސަލަތަކަކީ ޢިލްމުވެރިންގެ ނަޡަރިއްޔާ ތަފާތުވެ އެމައްސަލައިގައި ވަކިކޮޅަކަށް ބުރަކުރާނޭ ޝަރުޢީ ނައްޞެއް ނެތް މައްސަލަތަކެވެ. މިފަދަ މައްސަލައެއްގައިނަމަ އިންކާރު ނުކުރެވޭނެކަމަށް ބުނުމަކީ އެންމެ ރަނގަޅު ވާހަކައެކެވެ.

ނަމަވެސް ޢިލްމުވެރިން މައްސަލައެއްގައި ޚިޔާލުތަފާތުވުން އެއީ ފަހަރެއްގައިވެސް އެކަމުގައި ވާރިދުވެފައިވާ ޝަރުޢީ ނައްޞުތަކުގެ ބާރުކެނޑޭނެކަމެއް ނޫނެވެ. އަދި މިފަދަ ކޮންމެ މައްސަލައެއްގައި އިންކާރުކުރުމެއްނެތޭ ބުނުމަކީ ޙައްޤުބަހެއް ނޫނެވެ. އަދި ކިއެއްތަ އެއީ ކީރިތި ޤުރްއާނާއި ސުންނަތާއި އުންމަތުގެ އިޖްމާޢާ ޚިލާފަށް ބުނެވޭ ބޮޑުވެގެންވާ ބުހުތާނެކެވެ.

ތިރީގައި މިބަޔާންކުރަނީ މިކަމުގެ ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ.

الإمام ابن قيم الجوزية  رحمه الله ވިދާޅުވިއެވެ." ޚިލާފީ މައްސަތަކުގައި އިންކާރުކުރުމެއްނެތޭ ބުނާ ވާހަކައަކީ ރަނގަޅުވާހަކައެއް ނޫނެވެ. އެހެނީ އެއްގޮތަކީ ބަހަކަށް ނުވަތަ ފަތުވާއަށް އިންކާރުކުރުމެވެ. ނުވަތަ ޢަމަލަކަށް އިންކާރުކުރުމެވެ. މިގޮތުން މީހަކު ބުނާބަހެއް ނުވަތަ ދޭފަތުވާއެއް ސުންނަތުގެ ދަލީލަކާ ޚިލާފުވެއްޖެނަމަ ނުވަތަ ފާޅުވެގެންވާ އިޖްމާޢަކާ ޚިލާފުވެއްޖެނަމަ އެބަހަކަށް ނުވަތަ އެފަތުވާއަކަށް އިންކާރުކުރުން ވާޖިބުވެގެންވެއެވެ.

ހަމައެހެންމެ މީހަކު ކުރާ ޢަމަލެއްކަމުގައިވިޔަސް އެޢަމަލަކީ ސުންނަތުން ވާރިދުވެއިވާ ދަލީލެއް ނުވަތަ އިޖުމާޢަކާ ޚިލާފު ޢަމަލެއްނަމަ އެޢަމަލަކަށް އިންކާރުކުރުމުގެ ދަރަޖައަކުން އެޢަމަލަކަށް އިންކާރުކުރުން ވާޖިބުވާނެއެވެ.

ފަހެ ޙާކިމުގެ (ޤާޟީގެ) ޙުކުމެއްކަމުގައިވިޔަސް ﷲ ގެ ފޮތް ނުވަތަ ސުންނަތުގެ ދަލީލަކާއި ފުށުއަރާގޮތަށް އިއްވާފައިވާ ޙުކުމެއްނަމަ އެގޮތުގެމައްޗަށް ބައެއް ޢިލްމުވެރިންގެ ފަތުވާތައް ހުރިކަމުގައިވިޔަސް އެޙުކުމެއް ނަޤްޟު ކުރުން ނުވަތަ ރޫޅާލުން ވާޖިބުވެގެންވާކަމަށް ތަފާތު މަޛްހަބުތަކުގެ ފިޤުހުވެރިން ޞަރީޙަކޮށް ބަޔާންކޮށްފައިވާއިރު އިޚްތިލާފީ މައްސަލަތަކުގައި އިންކާރުކުރުން ހުއްދަނުވާނޭކަމަށް ބުނާނީ ކޮންފަދައަކުންހެއްޔެވެ؟

މިކަން ބަޔާންކުރެއްވުމަށްފަހުގައި މީހުންނަށް އޮޅުން އަރާފައިވާ ނުކުތާ ސާފުކޮށްދެއްވަމުން ވިދާޅުވިއެވެ. "އެގޮތެއްގެމަތީގައި އުންމަތުގެ އިމާމުންވާ ޙައްޤުމަގަކީ އިޖްތިހާދީ މައްސަލަތަކަކީ ޢަމަލުކުރުން ވާޖިބުވާފަދަ ޞައްހަ ޙަދީޘެއް އެއާ ތަޢާރުޟުވާނޭ އެއްވެސް ދަލީލެއްނެތި އައިސްފައިނުވާ އިޖްތިހާދު ކުރުމުގެ ޖާގަ އޮތް ބާވަތުގެ މައްސަލަތަކެވެ." إعلام الموقعين  300/3

އިސްވެދިޔަ ބަސްފުޅުން އެނގި ސާބިތުވަނީ ޢިލްމުވެރިންގެ ޚިޔާލުތަފާތުވެފައިވާ ކޮންމެ މައްސަލައަކީ އިންކާރުކުރުން މަނާވެފައިވާ އިޖްތިހާދީ މައްސަލައެއް ނޫންކަމެވެ. އަދި ޢިލްމުވެރިންގެ މަޛްހަބުތަކުގެ ތެރެއިން އެއްރައުޔު ރަނގަޅުކަމަށް ޞައްޙަ ދަލީލަކުން ދަލާލަތުކުރާ މައްސަލައެއްގައި އެމައްސަލައިގައި ހުރިހާ ރައުޔުތައް އެއީ ޞައްޙަރައުޔުތަކެކޭ ނުބުނެވޭނެއެވެ.

މައްސަލަތަކުގެތެރެއިން އިންކާރުން ހުއްދަނުވަނީ އެމައްސަލައެއްގައި ވަކިކޮޅަކަށް ބުރަކުރާނޭ އެއްވެސް ދަލީލެއް ޤުރުއާނުން ނުވަތަ ސުންނަތުން ނުވަތަ އިޖުމާޢުން އައިސްފައިނުވާ އިޖްތިހާދުގެ ޛަރީއާއިން ޙުކުމް ދެނެގަނެވޭ ބާވަތުގެ މައްސަލަތަކުގައެވެ. އެހެނީ ދީނުގެ ޢަޤީދާގެ މައްސަލަތަކަކީ ހަމައެކަނި ޝަރުޢީ ދަލީލުން ޘާބިތުވާނެ ކަންކަމެވެ. އެކަމުގައި ދަލީލެއްނެތި އަމިއްލަ ވިސްނުމަކަށް ޖާގައެއް ނެތެވެ.

ކަންމިހެންހުރިނަމަވެސް ހިތާމައަކީ ބައެއްމީހުން މިޢިބާރާތް ޢާންމުކޮށް ޢިލްމުވެރިން ދެބަސްވެފައިވާ ހުރިހާ މައްސަލަތަކަށް މިޙުކުމް ޢާންމުކުރާތީއެވެ. އެއްގޮތަކީ މިފަދަ މީހުން ޢިލްމު ހޯދުމުގައި ސަލަފުންގެ ފޮތްތައް ނުކިޔަނީއެވެ. ނޫނީ ހަމަޤަޞްތުގައި އޮޅުވާލަނީއެވެ. ނޫނީ ޢިލްމު ހޯދުމުގައި އިޚްލާޞްތެރިކަން ނެތީއެވެ. އެހެންޏާފަހެ ޚިޔާލު ތަފާތުވާ މައްސަލަތަކުގެތެރެއިން އޭގެތެތެރެއިން އެއް ރައުޔެއް ޞައްޙަކަން ފާޅުވާ ދަލީލުހުރި މައްސަލަތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިންކާރުކުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم  ގެ أصحاب ބޭކަލުންގެ ޒަމާނުއްސުރެ ކުރެވެމުން އަންނަ ކުރުން ވާޖިބުކަމެކެވެ. އެއީ މިއުންމަތުގެ ސަލަފުއްޞާލިޙުންގެ މަންހަޖެވެ. އެއީ އެއްވެސް ޙާލެއްގައި އެބަސްބުނާ މީހާއަށް ޢައިބުކިޔުމެއް ނޫނެވެ. އަދިކިއެއްތަ އެއީ މުންކަރާތް މަނާކުރުމާއި ހެޔޮކަމަށް މަގުދެއްކުމުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ ޙައްޤުބަހަކަށްވަނީ ވަކިމީހަކު ބުނީތީއެއް ނޫނެވެ. ޙައްޤު ބަހަކަށްވަނީ ދަލީލާ އެއްގޮތަށް ބުނީމައެވެ.

(ނުނިމޭ)


އެންމެފަހުގެ ވީޑިއޯ
މަރުވުމަށްފަހު (ދަރުސް)