الإمام محمد بن عبد الوهاب رحمه الله ބައެއް ވެރިންނާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ތަޢުޙީދު ޙިމާޔަތް ކުރެއްވުމަށްޓަކައި!


މާތް ﷲ ފޮނުއްވި ހުރިހާ ރަސޫލުބޭކަލުން ދުނިޔެއަށް ފޮނުއްވާފައިވަނީ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް ތައުޙީދު ޤާއިމުކުރެއްވުމަށްޓަކައެވެ. އެއީ އިންސާނާ ދުނިޔޭގައި ވުޖޫދުކުރެއްވުމުގެ މަޤްޞަދެވެ. ދުނިޔޭގައި މާތް ﷲ ނޫން ފަރާތްތަކަށް އަޅުކަންކޮށް އެކަލާނގެ ޝަރީޢަތް ނޫން އެހެނިހެން ވަޟުޢީ ފަލްސަފާތަކަށް މީސްތަކުން ޙުކުމް ކުރަންފަށައިފިނަމަ ބިމުގައި އިންސާނުން ލެއްވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިހެންވެ ތަފާތު ޒަމާންތަކުގައި މާތް ﷲ ވަނީ ރަސޫލުބޭކަލުން ފޮނުއްވާފައެވެ. އަދި އެބޭކަލުންނަށްފަހު އުންމަތުގެ ޢިލްމުވެރިން ތަފާތު ޒަމާންތަކުގައިވަނީ ތައުޙީދު ޤާއިމުކޮށް ޝިރުކުން މީސްތަކުން އިންޛާރުކުރައްވާފައެވެ. އަދިރަސޫލުބޭކަލުން އެބޭކަލުންގެ ޤައުމުތަކުން ނުރައްކަލާއި ކުރިމަތިލެއްވި މަގުން ޢިލްމުވެރިންވެސްވަނީ އެބޭކަލުންގެ ޤައުމުތަކުން ނުރައްކަލާއި ކުރިމަތި ލައްވާފައެވެ. މިގޮތުން ފަހުޒަމާނުގައި ޝިރުކާއި ބިދުޢައާއި ޚުރާފީ ކަންކަމާއި ދެކޮޅަށް ނިކުންނެވި ޢިލްމުވެރިންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްބޭފުޅަކީ الشيخ محمد بن عبد الوهاب رحمه الله  އެވެ.
 

އެބޭފުޅާގެ ޒަމާނުގައި އުންމަތުގެ ޙާލަތު ގޮސްފައިއޮތް މިންވަރު ޞިފަކުރައްވަމުން الشيخ عبد اللطيف بن عبد الرحمن بن حسن آل الشيخ رحمه الله ވިދާޅުވެފައި ވެއެވެ." ފަހެ އެއީ އިސްލާމީ އުޞޫލުތަކާއި ބީރައްޓެހި ވެގެންވާ ދުވަސްވަރެކެވެ. ދީނުގެ އެންމެހާ ކަންކަން ވަނީ ފަނޑުވާން ފަށާފައެވެ. ތަޢުހީދުގެ ކިއްލާވަނީ ފުނޑުފުނޑުވެފައެވެ. ޖާހިލީޒަމާނުގެ ކަންކަންވަނީ އެބަމީހުންގެ މައްޗަށް ފާޅުވާން ފަށާފައެވެ. އިސްލާމީ ޝަރީޢަތުގެ އެންމެހާ ޙުކުމްތަކާއި އުޞޫލުތައްވަނީ ފުނޑުފުނޑުވެފައެވެ. ޖާހިލުކަމާއި ކަނު ތަޤުލީދުވަނީ އެބައިމީހުންގެމައްޗަށް ފާޅުވެފައެވެ. ކީރިތި ޤުރްއާނާއި ސުންނަތަށް ތަބާވުމުން މީސްތަކުންވަނީ ފުރަގަސްދީފައެވެ. އެބަމީހުންވެފައިވަނީ އެބައިމީހުންގެ ޤައުމުގައި ކަންކުރެވެމުން އައިސްފައިވާގޮތް ފިޔަވާ އެހެންއެއްވެސް އެއްޗެއް ނުދަންނަ ކުޑަކުދިންފަދަ ބަޔަކަށެވެ. އެ ޤައުމުގެ މީސްތަކުން މުސްކުޅިވެފައިވަނީ ކާބަފައިން އުޅެމުން އައިސްފައިވާ ބާޠިލުގެ މަތީގައެވެ. ޝަރީޢަތުގެ ތަނބުތައްވަނީ ފުނޑުފުނޑުވެފައެވެ. ވަޙީގެ ނައްޞުތަކާއި ސުންނަތުގެ އަޞްލުތައްވަނީ ނެތިދާން ފަށާފައެވެ. ކާބަފައިން އުޅުނުގޮތް އެއީ އެމީހުންގެތެރޭގައި އެންމެމަތިވެރި ގޮތެވެ. އެބައިމީހުންގެ ގާތުގައި ޤަބޫލުކުރެވޭ ބަހަކަށްވަނީ ކާހިނުންނާއި ޠޯޣޫތުންގެ ބަސްތަކެވެ. އެބައިމީހުންވަނީ ތައުޙީދުގެ މަގުން އެބައިމީހުންގެ ބޯ ދަމައިގެންފައެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވެ، ވަލީވެރިންނާއި ޞާލިޙުންނާއި އަޅުކަންކުރެވޭ ބުދުތަކާއި ޝައިޠާނުންނަށް ކުއްތަންވުމާއި އެހީތެރިކަމަށް އެދިއެދި އެބައިމީހުންވަނީ ވަރުބަލިވެފައެވެ. މިކަމުގެމައްޗަށް އެބައިމީހުންގެ ޢިލްމުވެރިންނާއި ވެރިންގެ ބަސްތައް އެބައިމީހުންވަނީ ޤަބޫލުކޮށްފައެވެ. "( مجموعة الرسائل والمسائل النجدية 3/381-382)
 

އިސްވެ ބަޔާންކުރެވި ދިޔައީ الشيخ محمد بن عبد الوهاب رحمه الله ގެ ޒަމާނުގައި އެބައިމީހުންގެ ޙާލަތުހުރި ގޮތެވެ. ސިޔާސީގޮތުން ބަލާނަމަ އެޒަމާނަކީ ޢުޘްމާނީ ޚިލާފަތް ބަލިކަށިވެފައިވާ ދުވަސްވަރެވެ. ނަމަވެސް ރަމްޒީގޮތެއްގައި ތަބާވަމުންދިޔައީ ޢުޘްމާނީ ޚިލާފަތަށެވެ. ގިނަ ރަށްތަކުގައި ވެރިކަންކުރަމުން ދިޔައީ އަޝްރާފުންނެވެ. އެބައިމީހުންވަނީ އިސްވެދެންނެވި ޚުރާފާތާއި ޝިރުކު ފަތުރާ އެކަންކަން ޙިމާޔަތްކުރާ ބައެއްގެ ގޮތުގައެވެ.
 

މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި الشيخ محمد بن عبد الوهاب رحمه الله ނިކުމެ ވަޑައިގެން ތައުޙީދަށް ގޮވާލެއްވުމުން އެކި ރަށްރަށުގެ ވެރިން އެ ބޭފުޅާއާއި ދެކޮޅަށް ނުކުތެވެ. އެ ވެރިން އެރަށްރަށުގައި ޤާއިމް ކުރެވިފައިވާޝިރުކުގެ ބިނާތައް ޙިމާޔަތް ކުރުމަށް ތެދުވިއެވެ. ނަމަވެސް الشيخ محمد بن عبد الوهاب رحمه الله ނިކުމެ ވަޑައިގެން ތައުޙީދަށް ދަޢުވަތު ދެއްވައި އެދަޢުވަތަށް ހުރަސްއަޅައި، ކުރިމަތިލީ މީހުންނާއިދެކޮޅަށް ކަނޑިން ހަނގުރާމަކުރެއްވިއެވެ. އެއީ ތަޢުހީދުގެ ޙިމާޔަތުގައެވެ. ތައުޙީދުގެ ބިމުން ޝިރުކުގެ އަސަރުތައް ފުހެލުމަށްޓަކައެވެ. އެބޭފުޅާ ނުކުމެ ވަޑައިގެން ހަނގުރާމަ ކުރެއްވުމުން ޙަސަދަވެރިންނާއި ކާފަރުންނާއި މުނާފިޤުން ތަފާތު ވާހަކަތައް ފެތުރިއެވެ. އެއީ ވެރިންނާއި ދެކޮޅަށް ނުކުތުމަށްގޮވާ ޚަވާރިޖެއްކަމުގައިވެސް ގޮވިއެވެ. އަދި މުސްލިމުން ކާފަރުކުރާ މީހެއްކަމަށްވެސް ތުހުމަތުކުރިއެވެ. ނަމަވެސް الشيخ محمد بن عبد الوهاب رحمه الله އަކީ ސަލަފުއްޞާލިޙުންގެ މަންހަޖާއި ޢަޤީދާގައިހުންނެވި އުންމަތުގެ މުޖައްދިދެކެވެ.
 

މިއަދު އަޅުގަނޑުމެންވެސް ވާންޖެހޭނީ އެބޭފުޅުންގެ ނަމޫނާ ބަލާބަޔަކަށެވެ. މިޒަމާނުގައި މިކުރެވޭ ކަންކަމާއިމެދު އެބޭފުޅުން ދުނިޔޭގައި ތިއްބެވިނަމަ ހަމަ، ވެރިންނަށް ކިޔަމަންގަތުމޭ ކިޔައިގެން އެއްވެސް އެއްޗެއް ނުބުނެ އެބޭފުޅުން ތިއްބަވާނީ ބާވައޭ އަހުރެން ހިތަށް އަރައެވެ. އަދި މިޒަމާނުގެ ނިޒާމްތަކުގައި ހުންނަގޮތުން ސަރުކާރުންކުރާ އެއްވެސްކަމެއްގައި ރައްޔިތުން އެއްޗެއް ނުބުނެ ތިބެއްޖެކަމުގައިވާނަމަ އެހަނުހުރުން ބެލެވެނީ ރައްޔިތުން އެކަމާއި ރުހެނީ ކަމަށެވެ. މިފަދަ މުންކަރާތްތައް ނައްތާލުމުގައި ސަރުކާރާއި ވެރިމީހާއަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނިކޮށް އެކަމާއި އަޅާނުލާ ތިބުމަކީ އެފަދަ މުންކަރާތްތައް މަނާކުރުމުގައި ރައްތިޔުންނަށް ދެވިފައިވާ ފުރުޞަތުގެ ބޭނުން ނުކުރުންކަމުގައި ވެގެން ހިންގައިދާނެއެވެ. އަދި އަމުދުން މުސްލިމު ޤައުމުތަކުގެ ވެރިންނަށް ބޭރުގެ ތަފާތު ނުފޫޒުތައް އަންނަމުންދާ މިފަދަ ޒަމާނެއްގައި ރައްޔިތުން ނިކުމެ އަޑު އުފުލުމުން އެކަން ވެގެންދާނީ އެފަދަ ފަރާތްތަކަށް ޖަވާބުދިނުމަށް ވެރިންނަށް ވެވޭ އެހީތެރިކަމަކަށެވެ. މިއީ މިއަދުގެ ވެރިކަމުގެ ފަލްސާފާ އޮންނަގޮތެވެ.

މި ލިޔުން މުރާޖަޢާ ކުރެއްވީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އެވެ.

ނޯޓް: ހެޔޮކަމާއި ދަރުމައަށް އެދިގެން ވީހާވެސް ގިނަ ފަރާތްތަކަށް މި ލިޔުން ފޯރުކޮށްދިނުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ.
 


އެންމެފަހުގެ ވީޑިއޯ
މަރުވުމަށްފަހު (ދަރުސް)